ޘުމާމާ އިބުނު އުޘާލު – ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދުޝްމަނުން އެކުވެރިންނަށް ބަދަލުވެތެވެ.
އެޑްމިން
ދުވަސްވަރަކީ އިތުރު ރަސޫލުﷲގެފާނު މައްކާގެ މާތް ބިން ދޫކުރައްވާ އަލް މަދީނަތުލް މުނައްވަރާއަށް ޙިޖުރައަށް ވަޑައިގެންނެވިފަހުން، ހަވަނައަށްވީ އަހަރެވެ. މައްކާގެ މުޝްރިކުންގެ އުނދަގޫތައް ހިސާބަކަށް މައިތިރިވެ، އަލް މަދިނަތުލް މުނައްވަރާގައި ބިންގާއެޅެމުންދިޔަ، އިސްލާމީ ދައުލަތުގެ ކަންކަން އެކަށައެޅުއްވުމުގައި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން ހިތްމަތްތެރި މަސައްކަތްޕުޅުތައް ކުރައްވަމުން ގެންދަވަނީއެވެ. މިތަންވަޅަށް ލިބިވަޑައިގެންފައިވާ ސުލްޙައިގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވާ، ދުނިޔޭގެ ރަސްރަސްކަލުންނަށް އިތުރު ރަސޫލުﷲގެފާނު ފަތްކޮޅުތައް ފޮނުއްވަމުން ގެންދަވަނީއެވެ. ފާރިސީންގެ ކިސްރާ އަނޫ ޝަރުވާނަށާއި، ރޯމަނުންގެ ޤައިސަރަށާއި، ޔަމަނުގެ ވެރި ރަސްރަސްކަލުންނަށާއި، އަބަރީންގެ ތެރޭގައި އެދުވަސްވަރަށް ނަންހިނގާފައިވާ ރަސްރަސްކަލުންނަށެވެ. މިގޮތުން ފޮނުއްވުނު ފަތްފޮޅުތަކުގެ ތެރޭގައި ބަނޫ ޙަނީފާގެ ވެރިއެއްގެ ގޮތުގައި އެދުވަސްވަރަށް ހުންނެވި، ޘުމާމާ އިބުނު އުޘާލުލް ޙަނަފީއަށް ފޮނުއްވުނު ފަތްކޮޅު ހިމެނިވަޑައިގަންނަވައެވެ. މިއީ ޔަމާމަތުގައި އެދުވަސްވަރަށް ރަސްކަން ކުރަމުންއައި ރަސްރަސްކަލުންކުރެ އެކެކެވެ. އެހެންކަމުން ޘުމާމާ އިބުނު އުޘާލުލް ޙަނަފީއަކީ އެދުވަސްވަރަށް ޢަރަބީންގެ ތެރޭގައި ހުންނެވި އެންމެ ބާރުގަދަ ރަސްގެފާނެވެ.
ޘުމާމާއަށް އެކަލޭގެފާނުގެ މި ސިޓީފުޅު ލިބިލެއްވުމާއެކު، އޭގައިވާ ޢިބާރާތްތަކުގެ މައްޗަށް ކުޑަކޮށްވެސް ފިކުރު ހިންގުމެއްނެތި، އޭނާގެ ބަސް އިއްވައިފިއެވެ. ޙައްޤުގެ މަގަށް ގޮވާލެވުނު ގޮވާލެއްވުމަށް، އޭނާ ގޮންޖަހައިފިއެވެ. އެއީ ރުޅިވެރިކަމާއި ޢަދާވަތްތެރިކަމުން ފުރިފައިވާ ޖަވާބެކެވެ. ޘުމާމާއަށް އިތުރު ރަސޫލުﷲގެފާނުގެ ސިޓީފުޅު ލިބުނީއްސުރެ އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހަމަ ނިންޖެއްވެސް ނުލިބެއެވެ. އޭނާގެ ހިތުގައި ރަސޫލުﷲގެފާނުގެ މައްޗަށް އަނދަމުން އަންނަ ޢަދާވާތްތެރިކަމުގެ ގިނި ހައްދަތާދަނީ ގަދަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ސިފައިންނާއި ބާރުވެރިން، އިތުރު ރަސޫލުﷲގެފާނު އަވަހާރަކޮށްލުމަށް ނުހަނު ވަންހަނާގައި ނުބައި ރޭވުންތައް ރާވަމުން ގެންދަންފަށައިފިއެވެ. އެކަލޭގެފާނު އަވަހާރަކޮށްލުމުގެ ރޭވުންތައް ރާވަމުން ގެންދިޔައިރު، އެކަލޭގެފާނުގެ ޞަޙާބީންނަށް ގޯނާކޮށް، ޝަހީދުކުޅައުމުގެ ޢަމަލުތައްވެސް ޘުމާމާގެ ވެރިކަމުގެ ފަރާތުން ގެންދިޔައީ ހިންގަމުނެވެ. ޘޫމާމާއާއި އޭނާގެ ލަޝްކަރުގެ ކެހިވެރިކަމުގައި ޖައްސުވައި ޞަޙާބީގެ ތެރެއިން މާތް ބޭކަލުންކޮޅެއް ޝަހީދުކޮށްފިއެވެ. އިތުރު ރަސޫލުﷲގެފާނަށް މިޙަބަރު ލިބިވަޑައިގަތުމާއެކު ޘުމާމާގެ ޤަތުލުކުރުން ހުއްދަކުރައްވައިފިއެވެ.
ރަސޫލުﷲގެފާނުގެ ޞަޙާބީންގެ ތެރެއިން ބޭކަލުންކޮޅެއް ޝަހީދުކުޅައުމުގެ ހާދިޘާ މުސްލިމުން ހަނދާނެތޭހާއެއްނުވެއެވެ. އެހެންކަމުން މަދީނާގެ ވަށައިގެންވާ ސަރަހައްދުތަކާއި ވިޔަފާރީގެ މަގުތައް މަދީނާގެ އަސްޙާބުންކުރެ ޖަމާޢަތެއްގެ ބޭކަލުން ގެންދެވީ ފަރުވާތެރިކަމާއެކު ބަލަހައްޓަވަމުންނެވެ. އަތުވެދާނޭ ނުރައްކާތެރި ޙަމަލައަކަށް މަދީނާ ސަމާލުކޮށް ދިފާޢުކުރުމަށްޓަކައެވެ. މިއީ އެދުވަސްވަރުގެ މުޝްރިކުންގެ އާދައިގެ މަތީން ޘުމާމާ އިބުނު އުޘާލުލް ޙަނަފީ ޢުމްރާއެއް ވުމަށްޓަކައި މައްކާއަށް ދިއުމަށް ދަތުރުކުރަމުން ދިޔަ ދުވަސްވަރެވެ. ޘުމާމާ ދަތުރުކުރަމުން ދިޔައީ ޞަޙާބީންގެ ޖާމާޢަތްތައް ބަހަލައްޓަވަމުން ގެންދެވި ސަރަހައްދަކުން ކަމުން، ޞަހާބީންގެ މިޖަމާޢަތުން އޭނާ އަތުލައިގެންފިއެވެ. އޭނާގެ އަތްފައި ބަނދެ، ރަސޫލުﷲގެފާނުގެ އަރިހަށް ގެންދެވުނު އިރުވެސް އެބޭކަލުން މި ހައްޔަރުކުރެވުނު މީހެއްގެ ތަޢާރަފެއް ނުދެނެހުއްޓެވެ. އެބޭކަލުން އޭނާ ގެނެސް ނަބަވީ މިސްކިތުގެ ތަނބެއްގައި ބަނދެ ބާއްވައިފިއެވެ. އިތުރު ރަސޫލުﷲގެފާނު ވަޑައިގެން މި ޤައިދީއާމެދު ނިޔާ ކަނޑައަޅުއްވަންދެނެވެ.
އިތުރު ރަސޫލުﷲގެފާނު މިސްކިތްކޮޅަށް ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެކަލޭގެފާނަށް މިސްކިތުގެ ތަނބަށް އައްސާފައިވާ ޤައިދީއަކު ފެނިވަޑައިގަތެވެ. އެކަލޭގެފާނަށް އޭނާ ފެނިވަޑައިގަތުމާއެކު އެއީ ޘުމާމާކަން އެނގިވަޑައިގެން އެބޭކަލުންނަށް ސުވާލުފުޅު ކުރައްވަވައިފިއެވެ. 'ތިޔަ ބޭކަލުން ތިޔަ ޤައިދުކުރެއްވުނީ ކާކުކަން އެނގިވަޑައިގަންނަވާތޯއެވެ؟' ޖަވާބުގައި އެބޭކަލުން ނޫނެކޭ ވިދާޅުވުމުން، އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވިއެވެ. 'ތިޔަބޭކަލުންނަށް ސާބަސް ރައްދުކުރަމެވެ. އެއީ ތިމަންކަލޭގެފާނުގެ ޞަޙާބީން ޝަހީދުކުޅަ ޘުމާމާ އިބުނު އުޘާލުލް ޙަނަފީއެވެ.' އެކަލޭގެފާނު އެނބުރި ގެކޮޅަށް ވަޑައިގެން، ކާނާކޮޅެއް ތައްޔާރުކޮށްދެއްވުމަށް އެކަލޭގެފާނުގެ އަހުލުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ޖަމަލުންކޮޅުން ކިރު ފެއްލެވުމަށްފަހު، ބުޔުމަށް އެކަށީގެންވާ މިންވަރެއް ކަންވާރަކަށް އެޅުއްވިއެވެ. އެކަލޭގެފާނު މިތަކެތި ހިއްޕަވައިގެން މިސްކިތްކޮޅަށް ވަޑައިގެން ޘުމާމައަށް މިތަކެތި ދެއްވުމަށްފަހު އޭނާއަށް ވިދާޅުވިއެވެ. އޭނާ އިސްލާމްވުން އެދިވަޑައިގެން ހުންނެވި ހާލުކޮޅުގައެވެ. 'އޭ ޘުމާމާއެވެ! ތިމަންކަލޭގެފާނަށް ދައްކާނީ ކޮން އުޛުރެއްތޯއެވެ؟ ތިބާގެ ނަފްސަށް ދައްކާނީ ކޮން ބަހަނާއެއްތޯއެވެ؟' އެކަލޭގެފާނު މިހެން ވިދާޅުވުމާއެކު ޘުމާމާ އޭނާގެ ޖަވާބު އެކަލޭގެފާނަށް އަރުވައިފިއެވެ. 'ކަލޭގެފާނުގެ ޞަޙާބީންގެ ޙައްޤުގައި ބަދަލު ހިއްޕެވުން އެދޭނަމަ ދަންނާށެވެ. އަހުރެންވަނީ އެ ބަދަލުހިއްޕެވުމަށް އެކަށޭނެ މާތް މީހުންގެ ތެރެއިންނެވެ. ކަލޭގެފާނުގެ ދީލަތިފުޅުކަމުން އަހުރެންނަށް މަޢާފުދީނަމަ، ކަލޭގެފާނު އެކަން ދެކޭނެތެވެ. ކަލޭގެފާނު ތިޔަކަން ތިޔަ ކުރެއްވީ ފައިސާއާއި މުދަލުގެ ބޭނުންފުޅުގައި ނުވަތަ ފިދުޔައެއް ހިއްޕެވުމުގެ ބޭނުންފުޅުގައި ނަމަ، ކަލޭގެފާނު އެދިވަޑައިގަންނަވާ މިންވަރަކަށް އަދާކުރުމުގެ ކުޅަދާނަކަން އަހުރެންގެ ތަނަވަސްކަމުގައިވެއެވެ.' ޘުމާމާ މިހެން ބުނުމާއެކު އެކަލޭގެފާނު އޭނާ ދޫކުރައްވާ އެތަނުން ވަޑައިގެންފިއެވެ. ދެދުވަހެއްވާންދެން އޭނާ އެގޮތުގައި ބޭއްވެވީއެވެ. މިދުވަސްތަކުގައިވެސް އޭނާއަށް ކާންދީ، އޭނާގެ ޙާލު ބައްލަވާ ހައްދަވައެވެ.
ދެ ދުވަހެއްގެ ފަހުން އެކަލޭގެފާނު ވަޑައިގެން ޘުމާމާއާއި އެއްކަލަ ސުވާލުފުޅު ކުރައްވަވައިފިއެވެ. 'އޭ ޘުމާމާއެވެ! ތިމަންކަލޭގެފާނަށް ދައްކާނީ ކޮން އުޛުރެއްތޯއެވެ؟ ތިބާގެ ނަފްސަށް ދައްކާނީ ކޮން ބަހަނާއެއްތޯއެވެ؟' އެކަލޭގެފާނުގެ މި ސުވާލުފުޅަށް ޘުމާމާ ދިނީ ކުރިންވެސް އޭނާ އެކަލޭގެފާނަށް އެރުވި ޖަވާބެވެ. މި ދުވަހުވެސް އެކަލޭގެފާނު އެއްޗެއް ވިދާޅުނުވެ ވަޑައިގެންނެވީއެވެ. މިދިގެން އައި ދުވަހުވެސް އެކަލޭގެފާނު ހަމަ މިފަދައިން ކަންތައް ކުރައްވައިފިއެވެ. އޭނާގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. އެންމެފަހުން އެކަލޭގެފާނު ޞަޙާބީންނަށް އަމުރުފުޅު ކުރައްވައިފިއެވެ. 'އޭނާ މިނިވަންކޮށް ދޫކޮށްލާށެވެ.' އެކަލޭގެފާނުގެ މި ބަސްފުޅާއެކު، ޞަޙާބީންގެ ފާރަވެރިން އޭނާ މިނިވަންކޮށްފިއެވެ. އަދި އޭނާގެ ޖަމަލާއި މުދާ އޭނާއަށް ރައްދުކޮށްފިއެވެ. އޭނާ މިނިވަންވުމާއެކު މިސްކިތުން ނިކުތުމަށް ހިނގައިގެންފިއެވެ. އޭނާގެ ޖަމަލު ސަމާލުކޮށް އަލް މަދީނަތުލް މުނައްވަރާގެ ރަށްބޭރުގައި ވާ ކަދުރު ރުކުގެ ބަޤީޗާއަކަށް މަޑުކޮށްލައިފިއެވެ. މިތަނުގައިވާ ފެންގަނޑަކުން އޭނާގެ ޖަމަލަށް ފެން ދިނުމަށްފަހު، އެ ފެންގަނޑުން އޭނާ ފެންވަރާ ޠާހިރުވެއްޖެއެވެ. ފާއިތުވެ މިދިޔަ ދުވަސްތަކުގައި އޭނާ މިސްކިތުގައި ހައްޔަރުވެފައި އޮތް އޮތުމުގައި ރަސޫލުﷲގެފާނުގެ އަރިހުގައި މީސްތަކުން މިސްކިތަށް އައިސް ނަމާދުކޮށް، ޤުރުއާންކިޔަވައި، އެކަލޭގެފާނުގެ އަރިހުން ދީނާއި ޢިލްމު އުނގެނުމަށް ކުރާ މަސައްކަތް ފެނި އޭނާގެ ހިތް އިސްލާމްދީނުގެ މައްޗަށް ލެނބި، އެ ދީނަށް ވަނުމުގެ ޝައުޤު އިންތިހާއަށް ބޮޑުވެފައިވެއެވެ. ވަކިން ޚާއްސަކޮށް ރަސޫލުﷲގެފާނުގެ ފަރާތްޕުޅުން މިފެނުނު އާދަޔާޚިލާފު ދީލަތިކަމާއި މެދުގައި އޭނާގެ ހިތުގައި އެކަލޭގެފާނަށް ޚާއްސަ މަޤާމެއް ދެވިއްޖެއެވެ.
ރަސޫލުﷲގެފާނު މިސްކިތްކޮޅުގައި ޞަޙާބީންގެ ޖަމާޢަތަކާއެކު ވަޑައިގެންވަނިކޮށް ޘުމާމާ މިސްކިތަށް ޙާޟިރުވެއްޖެއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ވަޑައިގެން، އޭނާ ބުންޏެވެ. 'ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ ކަމަށާއި، ކަލޭގެފާނީ އެކަލާނގެ ރަސޫލާކަމަށް އަހުރެން ހެކިވެ އީމާންވެއްޖައީމެވެ. އޭ މުޙައްމަދުގެފާނެވެ. އިހުގައި ކަލޭގެފާނަށް ވުރެ އަހުރެން ރުޅިއަރާ ދެވަނަ ފަރާތެއް ނުވެއެވެ. މިހާރު އަހުރެން ކަލޭގެފާނަށްވުރެ ބޮޑަށް ލޯބިވާ މީހަކުވެސް ނުވެއެވެ. ކަލޭގެފާނުގެ ޞަޙާބީންނާއި މެދުގައި އަހުރެންނަށް ނުބައިކޮށް ކަންތައްކުރެވި، އެބޭކަލުން ޝަހީދުކުޅައީމެވެ. މިއަދު އަހުރެންވަނީ ކަލޭގެފާނުގެ އޯގާވެރިކަމުގައެވެ. ކަލޭގެފާނު އަހުރެންނާއިމެދުގައި ހައްދަވާނޭ ގޮތެއް ހެއްދެވުމަށް ރުހިގެންވަމެވެ.' ޘުމާމާ އިސްލާމްވެވަޑައިގަތުމުގެ މައްޗަށް އެކަލޭގެފާނު ނުހަނު އުފާފުޅު ކުރެއްވެވިއެވެ. އެކަލޭގެފާނު ޘުމާމާއަށް ވިދާޅުވިއެވެ. 'އޭ ޘުމާމާއެވެ! ކަލޭގެފާނަށް ޢަފޫވެގެންވެއެވެ. އިސްލާމްވުމަކީ އޭގެ ކުރީގައި ވެވިފައިވާ ފާފަތައް ފުހެވި، ނަފްސު ޠާހިރުވެގެންދާކަމެކެވެ.'
އިސްލާމުވެވަޑައިގަތުމަށްފަހު، އެކަލޭގެފާނު ޢުމުރާވެޑައިގަތުމަށް މައްކާއަށް ދަތުރުފުޅު ފައްޓަވައިފިއެވެ. އެކަލޭގެފާނު މައްކާއަށް އެ އަރާ ވަޑައިގަންނަވަނީ ނުހަނު ޢިއްޒަތާއި ޝަރަފުގައެވެ. ތަލްބިޔާ ވިދާޅުވަމުންނެވެ. މިއީ މުޅި އިސްލާމީ ތާރީޚުގައިވެސް އެންމެ ފުރަތަމައަށް ތަލްބިޔާ ވިދާޅުވަމުން، ބޭކަލަކު މައްކާއަށް އަރާވަޑައިގެން ފުރަތަމަ ފަހަރެވެ. މިކަމުންވެސް އެކަލޭގެފާނުގެ ޖެހިލުންކުޑަކަމާއި ހިތްވަރުފުޅުގަދަކަން އެނގި ހާވަވެގެންދެއެވެ. އެކަލޭގެފާނުގެ ތަލްބިޔާގެ އަޑުފުޅު އިވިވަޑައިގަތުމާއެކު މައްކާގެ މުޝްރިކުން އެކި ދިމަދިމާއިން އައިސް އެކަލޭގެފާނު ވަށާލައި، އެކަލޭގެފާނު އަވަހާރަކޮށްލުމަށް ދިމާކޮށްފި ހިނދު، މައްކާގެ ބޮޑުންކުރެ ބަޔަކަށް މި މަންޒަރު ފެނި އެކަން މަނާކޮށްފިއެވެ. އެބައިމީހުނަށް އެކަލޭގެފާނަކީ ޔަމާމަތުގެ ރަސްރަސްކަލުންކުރެ ރަސްކަލެއްކަން އެނގުމާއެކު އަވަސް އަވަހަށް އެކަލޭގެފާނު ދޫކޮށްލައިފިއެވެ. އެބައިމީހުންގެ ބޮޑުން އެބައިމީހުންނަށް ބުންޏެވެ. 'ތިޔަ ބައިމީހުންނަށް ހަލާކު ހުއްޓެވެ. އެއީ ކާކުކަން ތިޔަބައިމީހުންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އެއީ ޔަމާމަތުގެ ރަސްރަސްކަލުންކުރެ އެކެކެވެ. އެއީ ޘުމާމާ އިބުނު އުޘާލުލް ޙަނަފީއެވެ. ކަލޭމެން އޭނާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއްދީ އޭނާ މަރާލައިފިނަމަ، އެނާގެ ރަށުގެ އަހުލުވެރިން އަހުރެމެންގެ މުދާ ޤާފިލާތަކަށް ހުރަސްއަޅާ އަހުރެމެން މުޅިން ބަނޑައްޖައްސަފާނެއެވެ.' އެކަލޭގެފާނު އަމާންކަމާއެކު އުމްރާވެވަޑައިގެން ޙަރަމްފުޅުގެ ތެރޭގައި ހުންނަވާ މައްކާގެ މުޝްރިކުންނަށް އިޢުލާނުކުރެއްވިއެވެ. 'އަހުރެންނީ މުޙައްމަދުގެފާނު ގެންނެވި އެންމެހާ ކަންތައްތަކަށް އީމާންވެގެންވާ މީހަކީމެވެ.' އެކަލޭގެފާނު މިހެން ވިދާޅުވުމަށްފަހު، މައްކާއިން ފައިބާވަޑައިގެން ޔަމާމަތަށް ދަތުރުފުޅު ކުރައްވައިފިއެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެން، އެކަލޭގެފާނުގެ ލަޝްކަރަށް އަންގަވައިފިއެވެ. މައްކާއަށްދާ ޤާފިލާތަކަށް ދަތިކޮށް އެބައިމީހުންގެ ޤާފިލާތައް އަތުލައިގަނެ ޣަނީމާ ކުރާށެވެ. އެކަލޭގެފާނު އިސްލާމުވެވަޑައިގެންނެވުން ހިމެނިގެން ދިޔައީ މުޝްކުރިންގެ މައްޗަށް ޖެހުނު ބޮޑުވެގެންވާ މުޞީބާތެއްކަމުގައެވެ.
ނޯޓު: ޘުމާމާގެފާނު އިސްލާމްވެވަޑައިގަތުމަށް މެދުވެރިވި މި ހާދިޘާއިން އެތައް ކަމެއް އަޅުގަނޑުމެން ފަދަ މިއަދުގެ މުސްލިމުތަކުންނަށް ދޫކުރައްވާފައިވެއެވެ. ނޭގުމުގައި އަނެކާގެ މައްޗަށް ވެވޭ ދުޝްމަނުކަމުގައި ތިމާގެ މައްޗަށް ބޮޑަތިވެގެންވާ މުޞީބާތްތައް ނެގެސް ނުގަންނާށެވެ. ދުޝްމަނުންނާއިމެދުވެސް ކަންތައްތައް ކުރަންވާނީ އިންސާނީ ޙުރުމަތާއި ކަރާމާތާއި އެކުގައިކަމާއި، އެކަމުގައި އެ ދުޝްމަނުން ތިމާގެ މައްޗަށް އޮތް ނަފްރަތުކަން ފިލާ ހިނގައިދާނެކަމެވެ. އެއްވެސް މީހަކު ފަރަޤުކުރުމެއް ނެތި، އިންސާނީ ކަރާމާތާއި ޙުރުމަތާއެކު މީސްތަކުންނާއި މުޢާމަލާތުކުރުމަކީ ރަސޫލުﷲގެފާނުގެ ސުންނަތެއްކަމެވެ.
މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.
މަސްދަރު: އިސްލާމިކްކޭން / ކޮމްޕޭނިއަންސް އޮފް ޕްރޮފެޓް، ވޮލިއުމް 1، ޢަބްދުލް ވާޙިދު ހާމިދު
ތަރުޖަމާ: ޙަސަން ޣައްސާން
ކޮމެންޓް
ގުޅޭ ލިޔުންތައް